ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ސިފައިންގެ ޢާއިލީ ހަވީރު ނިންމާލައިފި
13 މެއި 2017 20:10

125 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެތެރޭގައި އެމްއެންޑީއެފުން ބޭއްވި ސިފައިންގެ އާއިލީ ހަވީރު މިއަދު ނިންމާލައިފިއެވެ.

ރަސްފަނުގައި އިއްޔެ ފެށި މި ޢާއިލީ ހަވީރު ނިންމާލާފައި ވަނީ މިއަދު ހަވީރުއެވެ. ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ދެ ދުވަހަށް ކުރިއަށްގެންދިޔަ ސިފައިންގެ އާއިލީ ހަވީރު ޚާއްޞަކޮށްފައި ވަނީ "އައިލެންޑް ލައިފް" އަށެވެ. މި އާއިލީ ހަވީރުގައި ދިވެހިންގެ ދިރިއުޅުމުގެ އެހާރާއި މިހާރުގެ އާދަކާދަތަކާއި ދިވެހިން ކުރަމުންދިޔަ ބައެއް މަސައްކަތްތަކާއި ސިފައިންގެ ޚިދުމަތްތައް ދައްކުވައިދޭ ސްޓޯލްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ހަރަކާތްތަކާއި ސްޓޭޖް އައިޓަމްތައްވެސް މި އާއިލީ ހަވީރުގައި ކުރިއަށްގެންގޮސްފައިވެއެވެ.

މީގެ އިތުރުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމާއި ރިޔަލު ދޯނި ދުއްވާލުމުގެ ފުރުޞަތާއި އަދި އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައްވެސް މި އާއިލީ ހަވީރުގައި ވަނީ ދައްކާލާފައެވެ.

އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުންވަނީ ބައިވެރިވެފައެވެ.