އެމްއެންޑީއެފާއި ޕާކިސްތާން އަސްކަރިއްޔާއާ ދެމެދު ޑިފެންސް ސްޓާފް ޓޯކްސް ފަށައިފި
15 މެއި 2017 15:49

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ޕާކިސްތާން އަސްކަރިއްޔާއާ ދެމެދުގައި ބާއްވާ ތިންވަނަ ޑިފެންސް ސްޓާފް ޓޯކްސް މިއަދު ފަށައިފިއެވެ.

މި ޑިފެންސް ސްޓާފް ޓޯކްސްގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދެވެ. އަދި ޕާކިސްތާން  އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޑައިރެކްޓަރ ޖެނެރަލް ފޮރިން މިލިޓަރީ ކޯޕަރޭޝަން، މޭޖަރ ޖެނެރަލް އިފްތިޚާރު އަޙްމަދު ވައީން އެވެ.

މިއަދުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑު ބިލްޑިންގގެ ކޮންފަރެންސް ހޯލްގައި ކުރިއަށްގެންދާ މި ސްޓާފް ޓޯކްސްއަކީ ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ހުރި ކަންކަމާއި އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޕާކިސްތާން އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކެކެވެ. މި މަޝްވަރާ ބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި އެމްއެންޑީއެފްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ، މެރިންކޯ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤާއި، ކޯސްޓްގާޑު ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް އަބްދުލް މަޠީން އަޙްމަދާއި، މެޑިކަލް ސާރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި ޕާކިސްތާނުގެ އިސް ހަތަރު ބޭފުޅަކު ބައިވެރިވެވަޑައިގަންނަވައެވެ. އެބޭފުޅުންގެ ތެރޭގައި ޑައިރެކްޓަރ ޖެނެރަލް ފޮރިން މިލިޓަރީ ކޯޕަރޭޝަން، މޭޖަރ ޖެނެރަލް އިފްތިޚާރު އަޙްމަދު ވައީންގެ އިތުރުން، ކޮމޮޑޯރ ޒާހިދު އަކްރަމްއާއި،  ބްރިގޭޑިއަރ ޖެނެރަލް މަތީން އަޙްމަދު މިރުޒާ އަދި އެއަރ ކޮމޮޑޯރ އިމްތިއާޒް ސައްތާރު ބައިވެރިވެވަޑައިގަންނަވައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ޕާކިސްތާން އަސްކަރިއްޔާއާ ދެމެދު ފަށާފައިވާ ޑިފެންސް ސްޓާފް ޓޯކްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2015 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. އަދި ދެވަނަ ޑިފެންސް ސްޓާފް ޓޯކްސް މިދިޔަ އަހަރު ބާއްވާފައިވަނީ ޕާކިސްތާނުގައެވެ.