ޕާކިސްތާނުގެ އަސްކަރީ ވަފުދެއް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި
15 މެއި 2017 16:26

އެމްއެންޑީއެފާއި ޕާކިސްތާން އަސްކަރިއްޔާއާ ދެމެދުގައި ބާއްވާ ތިންވަނަ ޑިފެންސް ސްޓާފް ޓޯކްސްގައި ބައިވެރިވާ ޕާކިސްތާން އަސްކަރިއްޔާގެ އިސް ބޭފުޅުންގެ ވަފުދެއް، އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުވުމުގައި ޕާކިސްތާން އަސްކަރިއްޔާގެ ވަފުދުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ޑައިރެކްޓަރ ޖެނެރަލް ފޮރިން މިލިޓަރީ ކޯޕަރޭޝަން، މޭޖަރ ޖެނެރަލް އިފްތިޚާރު އަޙްމަދު ވައީންއެވެ. މި ބައްދަލުވުމުގައި ޕާކިސްތާން އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޕާކިސްތާން އަސްކަރިއްޔާގެ އިސް ބޭފުޅުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާ އެކު ބޭއްވެވި މި ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤު އަދި ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕާކިސްތާން އަސްކަރިއްޔާގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ އިސް ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.