ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
17 މެއި 2017 21:22

ބ.ދަރަވަންދޫން ފުރައިގެން ޅ.ކުރެންދޫއަށް ދަތުރުކުރަމުން ދަނިކޮށް، ދިޔަވާން ފެށި ލޯންޗަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ތިން މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް، "ކަނި ސްޕީޑް" ނަމަކަށް ކިޔާ މި ލޯންޗަށް ދިޔަވާން ފެށީ ޅ.މާފިލާފުށީ ކައިރިން އެ ލޯންޗުގެ ބަނޑުފިލާ ދަށުން ފަޅައިގެން ދިޔުމާ ގުޅިގެންނެވެ. މި ހާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 17:15 ހާއިރު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މިގޮތުން ދިޔަވަމުންދިޔަ ލޯންޗު މިއަދުގެ އިރުއޮއްސެނިކޮށް މާފިލާފުއްޓަށް ވަނުމުން، ސިފައިންގެ އެހީތެރިކަމާއެކު އެ ލޯންޗު ވަނީ މިހާރު މާފިލާފުށީ ތޮށިގަނޑުމައްޗަށް އެހެލާފައެވެ.