ސ.ހިތަދޫގެ ބައެއް ގެތަކަށް ގެއްލުންތަކެއް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
18 މެއި 2017 00:18

އައްޑޫ ސިޓީއަށް އައި ބާރުގަދަ ކޮޅިގަނޑެއްގައި ސ.ހިތަދޫގެ ބައެއް ގެތަކަށް ގެއްލުންތަކެއް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިރޭ 22:30 ހާއިރު އައި މި ބާރުގަދަ ކޮޅިގަނޑުގައި ސ.ހިތަދޫގެ 12 ގެއަކަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ވަނީ ލިބިފައެވެ. މިގޮތުން، ބައެއް ގެތަކުގެ ފުރާޅު އެއްކޮށް އެއްލާލާފައިވާއިރު، ބޮޑު ދެ ގަހެއް ވެއްޓުމުގެ ސަބަބުން ތިން ގެއެއްގެ ފުރާޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ބައެއް ސަރަޙައްދުތަކަށް ގަސްފަދަ ތަކެތި ވެއްޓުމާ ގުޅިގެން ބައެއް މަގުތައް ވަނީ ބަންދުވެފައެވެ.

މިހާދިސާ އާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ނިކުމެ، ފުރާޅު އެއްލާލާފައިވާ ގެތަކުގެ ފުރާޅު ރަނގަޅު ކުރުމުގެ މަސައްކަތާއި، ވެއްޓިފައިވާ ބައެއް ގަސްތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދި، މި ހާދިސާއާ ގުޅިގެން ލިބިފައިވާ އިތުރު ގެއްލުންތައް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން، ދަނީ ބަލަމުންނެވެ.