ކަނޑު ރޯދި ދޯނި އަޑިއަށްގޮސްގެން ކޯސްޓްގާޑް އިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެއްޖެ
18 މެއި 2017 14:23

މާލެއިން ފުރައިގެން އދ.އޮމަދޫއަށް ދަތުރުކުރި "ކަނޑު ރޯދި" ނަމަކަށްކިޔާ ދޯންނި އަލި ހުރަސް ކަނޑަށް އަޑިއަށްގޮސްގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު 10:40 ހާއިރު ލިބުމާއެކު ކޯސްޓްގާޑް ޝިޕް ހުރަވީއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ އެސަރަހައްދަށް ދިއުމަށްޓަކައި ފުރާފައެވެ.

60 ފޫޓުގެ ކަންނެލި މަސްވެރިކަން ކުރާ މި ދޯނި އަޑިއަށް ގޮސްފައިވަނީ ކ.ރަންނާޅި ރިސޯޓް ގެ ހުޅަނގުން 10 ނޯޓިކަލް މޭލު ބޭރުންނެވެ. މި ދޯނި އަޑިއަށްދިޔައިރު ދޯނިން ދަތުރުކުރި 10 ދިވެހިން ކަނޑުވެފައިތިއްބާ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި ލޯންޗެއްގައި ވަނީ އދ.އޮމަދޫއަށް ގެންގޮސްފައެވެ.

މި ދޯނި އަޑިއަށްދިޔަ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ އަންނަނީ ހަރަކާތްތެރިވަމުންނެވެ.