މާރިޔާ-3 ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
18 މެއި 2017 20:30

"މާރިޔާ-3" ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ކ.ތުލުސްދޫއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "މާރިޔާ-3" ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 16:16 ހާއިރުއެވެ. މި ކޮޅުވެއްޓިއާ އެންމެ ފަހުން ގުޅިފައިވަނީ މިމަހު 16 ވީ އަންގާރަ ދުވަހުގެ 21:30 ހާއިރުކަމަށް ކޮޅުވެއްޓީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.  އަދި މި ކޮޅުވެއްޓީގައި ޖުމްލަ ހަ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 4 ބިދޭސީން ކަމަށް ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

"މާރިޔާ-3" އަކީ ދިގުމިނުގައި 168 ފޫޓު ހުރި، ބޭރުގައި ގަދަ ފެހި ކުލައިގެ ދަވާދު ލާފައިވާ ކޮޅުވެއްޓިއެކެވެ. އަދި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ސްޕާރ ސްޓްރަކްޗަރ ވީލްހައުސްއާއެކު މަތީގައި ރަތް ދަވާދު ލާފައިވެއެވެ.

މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ. ފެކްސް ކުރައްވާނަމަ ކުރައްވާނީ 3391665 މިނަމްބަރު ފެކްސްއަށެވެ.