އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ރިސާރޗް ވޯކްޝޮޕެއް ފަށައިފި
03 ޖުލައި 2017 15:00

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް)ގެ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ފަރާތުން ސިފައިންނަށް އަމާޒުކޮށްގެން، "ރިސާރޗް ވޯކްޝޮޕް 17-01" ފަށައިފިއެވެ.

މި ވޯކްޝޮޕް ފެށުމުގެ ގޮތުން އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

މި ޖުލައި މަހުގެ 3 އިން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕަކީ އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ހޯދުންތަކާއި ދެމެހެއްޓެނިވި ގޮތުގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ބޭނުންވާ ރިސާރޗް ކުރުމުގެ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މަޤްޞަދުގައި ހިންގާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ޢިލްމީ އެކި މަޢުޟޫތަކަށް ވޯކްޝޮޕްގެ ލެކްޗަރަރއިން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވޯކްޝޮޕްގެ ލެކްޗަރަރއިންގެ ތެރޭގައި އެމްއެންޑީއެފް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރއިން ހިމެނި ވަޑައިގަންނަވައެވެ. މީގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރއިންނާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އާއި އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރއިންގެ އިތުރުން، މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ އެމްއެންޑީއެފްގެ ތަޖުރިބާކާރު ލެކްޗަރަރއިން ވެސް އެކިއެކި މަޢުޟޫތަކަށް މި ވޯކްޝޮޕްގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ކޮޮލެޖް އޮފް ޑިފެންސް އެންޑް ސެކޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި، ވޯކްޝޮޕްގެ ލެކްޗަރަރއިން ބައިވެރިވެވަޑައިގެންނެވިއެވެ.