މުދާ އުފުލާ ދޯންޏެއް މާލެ އަތޮޅު ބޮލިފުށި ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
06 ޖުލައި 2017 08:05

މާލެއިން ފުރައިގެން ދ.ކަނޑިންމަ ރިސޯޓަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް މާލެ އަތޮޅު ބޮލިފުށި ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރޭ ފަތިހު ގާތްގަނޑަކަށް 05:17 ހާއިރު މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއްވަނީ ޑައިވަރުންނާއެކު ދޯނި އޮތް ސަރަޙައްދަށް ފުރުވާލާފައެވެ. މި ހާދިސާގައި ފަރަށް އަރާފައިވަނީ ދ.ކަނޑިންމަ ރިސޯޓަށް މުދާ ގެންދިއުމަށް ދަތުރުކުރި ޓްރާންސްޕޯޓަރ 1 ނަމަކަށް ކިޔާ 89 ފޫޓުގެ ދޯންޏެކެވެ.

މި ދޯނީގައި ހާދިސާ ހިނގި އިރު ތިބީ ފަސް ދިވެހިންނެވެ. އަދި މީގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ދޯނި ފުން ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއި ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ދޯނީގައި ހުރި މުދާ އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.