އެމްއެންޑީއެފް ސީޑީއެސްއެސްގެ ރިސަރޗް ވޯކްޝޮޕްގައި ޑިފެންސް މިނިސްޓަރ ލެކްޗަރ ނަންގަވައިދެއްވައިފި
06 ޖުލައި 2017 12:14

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ފަރާތުން ސިފައިންނަށް އަމާޒުކޮށްގެން، ހިންގާ "ރިސާރޗް ވޯކްޝޮޕް 01-17" ގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ލެކްޗަރ ނަންގަވައިދެއްވައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްދާ މި ވޯކްޝޮޕްގައި ޑިފެންސް މިނިސްޓަރ ލެކްޗަރ ނަންގަވައި ދެއްވާފައިވަނީ އެކްޝަން ރިސަރޗްއާ ގުޅޭ ގޮތުންނެވެ.

މި ވޯކްޝޮޕަކީ އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ހޯދުންތަކާއި ދެމެހެއްޓެނިވި ގޮތުގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ބޭނުންވާ ރިސާރޗް ކުރުމުގެ ޢިލްމާއި ހުނަރު ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެމްއެންޑީއެފްގެ ސީޑީއެސްއެސް އިން ހިންގާ ވޯކްޝޮޕެކެވެ. މި ޖުލައި މަހުގެ 3 ވަނަ ދުވަހު ފެށި މި ވޯކްޝޮޕް ނިންމުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

މި ވޯކްޝޮޕްގައި ޢިލްމީ އެކި މަޢުޟޫތަކަށް ލެކްޗަރަރއިން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވޯކްޝޮޕްގެ ލެކްޗަރަރއިންގެ ތެރޭގައި އެމްއެންޑީއެފް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރއިން ހިމެނި ވަޑައިގަންނަވައެވެ.