އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ލ.ގަމު، މުކުރިމަގު ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި
06 ޖުލައި 2017 18:55

އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ލ.ގަމު، މުކުރިމަގު ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

މިމަހުގެ 4 އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ލ.ގަމު، މުކުރިމަގު ސްކޫލުގެ ގުރޭޑު 3 އިން ފެށިގެން ގުރޭޑް 6 އާ ހަމައަށް ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކުރިއަށްގެންދާ މި ޕްރޮގްރާމް ނިމޭއިރު، ޕްރޮގްރާމްގެ ކޮންމެ ބައިވެރިއަކަށް ވެސް 15 މީޓަރަށް ފެތުމުގެ ހުނަރު ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ޕްރޮގްރާމްގައި ފެތުމުގައި ބޭނުންކުރާ އުކުޅުތަކާއި، މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން އުނގަންނައިދެވޭނެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ މުދައްރިބުންނެވެ.