ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފި
09 ޖުލައި 2017 16:56

ސްކޫލްތަކުގެ ގުރޭޑު 1 ގެ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަތުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމް އެމްއެންޑީއެފް މެޑިކަލް ސަރވިސް އިން މިއަދު ފަށައިފިއެވެ.

މިޕްރޮގްރާމުގައި ޣިޔާސުއްދީން ސްކޫލުގެ 71 ދަރިވަރަކު މިއަދު ވަނީ ހެލްތު ސްކްރީން ކުރެވެވިފައެވެ. ހެލްތު ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އެމްއެންޑީއެފްގެ ޑޮކްޓަރުންނާއި މެޑިކަލް ސަރވިސްގެ ކްލިނިކަލް އެސިސްޓަންޓުންނެވެ.

ސްކޫލްތަކުގެ ގުރޭޑު 1 ގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމަށް ހިންގާ މި ޕްރޮގްރާމް މާދަމާ އަމާޒުކޮށްފައިވަނީ ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށެވެ. ތާޖުއްދީނުގައި މި ޕްރޮގްރާމް ދެ ދުވަހުގެ މަތިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމްގައި ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ހިއްސާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.