އއ.އުކުޅަހުގައި އެމްއެންޑީއެފުން ހިންގި ނިޔަމި ކަމުގެ ކޯސް ނިންމާލައިފި
09 ޖުލައި 2017 22:31

އެމްއެންޑީއެފް މާލޭ އޭރިއާ އއ.އުކުޅަހުގައި، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ހިންގި ނިޔަމި ކަމުގެ ކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވައިފިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އުކުޅަހުގައި ހިންގި ނިޔަމި ކަމުގެ ކޯހުގެ ސެޓްފިކެޓް ހަވާލުކުރުމުގެ ގޮތުން މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމްއެވެ.

މެއި މަހުގެ 8 އިން 11 އަށް އުކުޅަހުގައި ކުރިއަށް ގެންދިޔަ މި ކޯހަކީ ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ،ސީ،ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ކޯހެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގި މި ކޯހުގައި، ތިން ބެޗަކަށް ބަހާލައިގެން ޖުމުލަ 30 ގަޑިއިރުގެ ކުލާސްތައް ކޮންމެ ބެޗަކަށް ވަނީ ނަގައިދީފައެވެ. މި ކޯހުގައި ޖުމުލަ 90 ފަރާތެއް ބައިވެރިވެ، އެކަކު ފިޔަވައި ހުރިހާ ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކިޔަވައިދެއްވި މިކޯހުގައި، މައިގަނޑު ގޮތެއްގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނެއެވެ.

ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ، ކާނަލް ޢަބްދުއްރަޢޫފް އާއި މާލޭ އޭރިއާގެ ބައެއް އޮފިސަރުންނާއި އއ.އުކުޅަހު ކައުންސިލްގެ އިސް ބޭފުޅުންނާއި، ކޯހުގެ މުދައްރިބުންނާއި ބައިވެރިން، ބައިވެރިވެލެއްވިއެވެ.