މުދާ އުފުލާ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
10 ޖުލައި 2017 09:31

މާލެއިން ފުރައިގެން ހއ. އިހަވަންދޫއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 05:50 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއްވަނީ އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މިހާދިސާގައި ދިޔަވެފައިވަނީ 93 ފޫޓުގެ "އެލް ޓޫނާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. މި ދޯންޏަށް ދިޔަވާން ފަށާފައިވަނީ ނ.އަތޮޅާ ތިން މޭލު ބޭރުންކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. ދޯނީގައި ހެދިފައިވާ ދިޔަގަނޑު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ސިފައިންގެ އެހީތެރިކަމާއެކު ޕަމްޕު ޖަހައިގެން ކޮންޓްރޯލްކޮށް، މިދޯނި ދަނީ ހއ.އިހަވަންދޫއަށް ދަތުރުކުރަމުންނެވެ. އަދި މި ދޯނި ހއ.އިހަވަންދޫއަށް ދަތުރުކުރަމުންދަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗެއްގެ ބެލުމުގެ ދަށުންނެވެ.

މި ދޯންޏަށް ދިޔަވާން ފަށާފައިވަނީ ދޯނީގައި ހުރި ޕަމްޕަށްދިމާވި މައްސަލައަކާ ގުޅިގެން ދިޔަ ނުހިއްކުމުގެ ސަބަބުންނެވެ.

މިހާދިސާ ހިނގި އިރު ދޯނީގައި ދެ ދިވެހިންނާއި ތިން ބިދޭސީން ތިއްބެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ދޯނީގައި މައިގަނޑު މުދަލެއްގެ ގޮތުގައި ހުރީ ސިމެންތިއާއި ހިލަ އާއި ހިލަވެއްޔެވެ.