މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން ހަރަކާތްތެރިވާން ފަށައިފި
13 ޖުލައި 2017 08:03

"ބެޔާންޑާ 5" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ވ.އަލިމަތާ ރިސޯޓް ކައިރީ އޮތް ގިރިއަކަށް އަރައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 3:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ފާމުލަދޭރި" ވަނީ ޑައިވަރުންގެ ޓީމަކާއެކު އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މާލެއިން މުދާ ބަރުކޮށްގެން އައްޑު އަތޮޅަށް ދަތުރުކުރަމުން ދިޔަ، އައިލެންޑް އެކްސްޕްރެސްގެ 90 ފޫޓުގެ މި ދޯނި ފަރަށް އެރިއިރު ދޯނީގައި ދިވެއްސަކާއި 11 ބިދޭސީން ދަތުރުކުރަމުން ދިޔައެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ. ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.