އެމްއެންޑީއެފް އެފްއާރުއެސް އާއި ދިރާގާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި
13 ޖުލައި 2017 17:07

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ދިރާގުގެ ހެޑް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ސޮއި ކުރެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއެވެ. އަދި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ހިއުމަން ރިސޯސް މެނޭޖަރ އަލްފާޟިލް އަޖުވަދު ޢަލީއެވެ.

މި އެއްބަސްވުމުގެ ދަށުން ދިރާގުން، އެފްއާރުއެސްއަށް ބޭނުންވާ ފަޔަރ އިކުއިޕްމަންޓް ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެފްއާރުއެސްއިން ވަނީ ދިރާގުގެ މުވައްޒަފުންނަށް ހިންގާ ފަޔަރ އެވެއަރނެސް ޕްރޮގްރާމްތަކާއި ފަޔަރ ސްކޮޑް ތަމްރީނު ކޮށްދިނުމުގެ އިތުރުން ދިރާގު މާލެ ސަރަޙައްދާއި ރާއްޖޭގެ އެހެން ރަށްރަށުގައި ހުރި ދިރާގުގެ ސައިޓްތަކުގައި ހުރި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް އިންސްޕެކްޓް ކޮށްދިނުމަށް އެއްބަސް ވެފައެވެ. މި އެއްބަސްވުމަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއި ކުރެވުނު އެއްބަސް ވުމެކެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގުގެ އިސް ބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ.