އެމްއެންޑީއެފް އެފްއާރުއެސްއިން ފެނަކަ މުވައްޒަފުންނަށް ޕަވަރ ޕްލާންޓް ސޭފްޓީއާ ގުޅޭ ތަމްރީނުތަކެއް ހިންގައިފި
13 ޖުލައި 2017 17:57

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ފެނަކަ ކުންފުނީގެ މުވައްޒަފުންނަށް ޕަވަރ ޕްލާންޓް ސޭފްޓީ އާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

މިމަހުގެ 9 އިން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ރަށްރަށުގައި ފެނަކަ ކުންފުނިން ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން މިއަހަރު ކުރިއަށްގެންދިޔަ މިފަދަ ދެވަނަ ޕްރޮގްރާމެވެ. ފެނަކަ ކުންފުނީގެ 19 މުވައްޒަފުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި، އިންޖީނުގެ ތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެފަދަ ހާލަތަކަށް ތައްޔާރުވާނެ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ.

ވިލިމާލޭގައި ޤާއިމްކޮށްފައިވާ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި، ލީޑަރޝިޕް، ފަޔަރ ބިހޭވިއަރ، ފަޔަރ އެކްސްޓިންގްއިޝަސް، ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް، ޕަވަރހައުސް ފަޔަރ ސޭފްޓީ، އިމަޖެންސީ އޮޕަރޭޝަން ޕްލޭން، ކޮމްޕޮސިޓް ރިސްކް މެނޭޖްމަންޓް ހިމެނެއެވެ. އަދި އިތުރު ބައިތަކުގެ ތެރޭގައި ފިޒިކަލް ޓްރޭނިންގ ސެޝަންތަކެއް ވެސް މި ތަމްރީނުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.