އެމްއެންޑީއެފް މާލޭ އޭރިއާއިން އއ.މާޅޮހުގައި "ކޮމިޔުނިޓީ އެންހޭންސްމަންޓް" ޕްރޮގްރާމްތަކެއް ފަށައިފި
13 ޖުލައި 2017 23:25

އެމްއެންޑީއެފް މާލޭ އޭރިއާއިން އއ.މާޅޮހުގައި "ކޮމިޔުނިޓީ އެންހޭންސްމަންޓް" ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މި ޕްރޮގްރާމްތަކަކީ، އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ އިން ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ. މިމަހު 12 އިން ފެށިގެން އަންނަ އޯގަސްޓް މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ، އެރަށުގެ ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި، ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިންގާ މޫދު ކަސްރަތު ޕްރޮގްރާމެކެވެ.

މިގޮތުން، އއ.މާޅޮހު ސްކޫލު ދަރިވަރުންނަށް ހިންގާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި އެ ސްކޫލުގެ ގުރޭޑު 2 އިން ފެށިގެން ގުރޭޑު 9 އާ ދެމެދުގެ 47 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި، ފްރީ ސްޓައިލް ސުވިމިންގ، ބެކް ފްލޯޓިންގ، ފްރަންޓް ފްލޯޓިންގ ފަދަ ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިންގާ މޫދު ކަސްރަތު ޕްރޮގްރާމްގައި، އެރަށުގެ އަންހެނުންގެ ތެރެއިން 42 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މޫދުގައި ކުރެވޭ ކަސްރަތުގެ މުހިންމު ކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ދަނީ ދަސްކޮށްދެވެމުންނެވެ.

މި ޕްރޮގްރާމްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާއަށް ނިސްބަތްވާ ކޮމްޕޯނަންޓްތަކުގެ ތަޖުރިބާކާރު ސިފައިންނެވެ. އއ.މާޅޮހުގައި ހިންގާ މި ޕްރޮގްރާމްތަކަކީ އއ.މާޅޮހު ކައުންސިލްގެ އެދުމުގެ މަތިން، އެމްއެންޑީއެފް މާލޭ އޭރިއާއިން ހިންގާ ޕްރޮގްރާމްތަކެކެވެ.