ކަންނެލި މަސްވެރިކަންކުރާ ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
16 ޖުލައި 2017 11:15

ކަންނެލި މަސްވެރިކަންކުރާ ދޯންޏެއް، މ.ކޮޅުފުށީ ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާންފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 22:20 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، މ.މުލީގައި ޤާއިމްކޮށްފައިވާ ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗުގައި ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

"ނޫރު" ނަމަކަށް ކިޔާ މިދޯނި ފަރަށް އެރިއިރު، އެ ދޯނީގައި 10 ދިވެހިން ދަތުރުކުރަމުން ދިޔައެވެ. މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ.