ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ
28 ޖުލައި 2017 17:25

ކ.މާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެއެވެ.

މިއަދު ގާތްގަނޑަކަށް 15:03 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދި 54 އަހަރު ގެ މީހާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ލޯންޗެއްގެ އިތުރުން ހާބަރ ކްރާފްޓެއް ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ވައިގެ މަގުން އެމީހާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އެސަރަޙައްދުން ދަތުރުކުރާ ސީޕްލޭންތަކުގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު ހަވީރު 16:59 ހާއިރު މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް ސަރަޙައްދުން ކަނޑުމަތިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" އަށެވެ. މި ހާދިސާ ހިނގާފައިވަނީ ދަތުކުރަމުންދަނިކޮށް މިސްރާބު އޮޅުމުންކަމަށް އޭނާ، އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. މި މީހާ ފެނުނު އިރު ހާލު ރަނގަޅެވެ. އަދި އެމީހާ މިހާރު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ އެހީތެރިކަމާއެކު މާލެ ގެނެސްފައެވެ.