ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި
06 އޯގަސްޓް 2017 03:01

ހުޅުމާލޭ، ސިނާއީ ސަރަހައްދުގައި ހުރި އަމީން ކޮންސްޓްރަކްޝަންގެ ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 12:18 ހާއިރު އެފްއާރުއެސް އަށް ލިބުމާއެކު ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އެފްއާރުއެސް ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި އަލިފާނުގެ އަސަރުކޮށްގެން ގިނަ ބަޔަކު، ޞިއްހީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުގައި އެމްއެންޑީއެފްގެ އުޅަނދުތަކުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ހުޅުމާލެ ހޮސްޕިޓަލްގެ އުޅަނދުތައް ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން އަށް މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗް ހޮސަޕިޓަލަށް ގެންގޮސްދިނުމުގައި ސީއެމްބިއުލެންސް ވަނީ ހަރަކާތްތެރިވެފައެވެ.

އެފްއާރުއެސްގެ ފަޔަރމަނުންނާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ފަޔަރފައިޓަރުން، އަދި އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ 1:40 ހާއިރުއެވެ.

ތިރީބައި ގުދަނެއްގެ ގޮތުގައި އަދި މަތީ ފަންގިފިލާތައް މީހުން ދިރިއުޅޭގޮތަށް އިމާރާތްކޮށްފައިވާ މިތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންނަނީ ތަހުޤީގު ކުރަމުންނެވެ.