މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
07 އޯގަސްޓް 2017 18:28

މާލެއިން ފުރައިގެން ރ.ކޮށްޓަފަރަށް ދަތުރުކުރި "މަސް ނަނު" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ގާތްގަނޑަކަށް 16:02 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ފާމުލަދޭރި ވަނީ ޑައިވަރުންގެ ޓީމަކާއެކު ދޯނި އޮތް ސަރަޙައްދަށް ފުރުވާލާފައެވެ. އަދި ކޯސްޓްގާޑުގެ ސިފައިން އަންނަނީ މި ދޯނީގައި ހެދިފައިވާ ދިޔަގަނޑު، ޕަމްޕު ޖައްސައިގެން ހިއްކަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ މާލެއިން ފުރައިގެން ކޮށްޓަފަރަށް ދަތުރުކުރަމުންދަނިކޮށް މާލެ އަތޮޅު ޒިޔާރަތްފުށި ރިސޯޓު ކައިރިން އައި ކޮޅިގަނޑެއްގައި ވިއްސާރަވުމުގެ ސަބަބުން ދިޔަ ބޮޑުވުމުންކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި ދިވެއްސަކާއި ހަތަރު ބިދޭސީން ތިއްބެވެ.