އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ލ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި
08 އޯގަސްޓް 2017 18:59

އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން، ލ.މާބައިދޫގައި ހުންނަ ލ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، އެ ސްކޫލުގެ 93 ދަރިވަރުންނާއި 38 ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި، ސްވިމިންގ ޓެކްނިކްސް އާއި ރެސްކިޔު ސްވިމިންގ ޓެކްނިކްސްތައް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން، މި ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ފްރީ ސްޓައިލް ސުވިމިންގ، ބެކް ފްލޯޓިންގ، ފްރަންޓް ފްލޯޓިންގ ފަދަ ބައިތައް ހިމެނެއެވެ. އަދި ފަތާފައި 25 މީޓަރަށް ދިއުމުގެ ޤާބިލުކަމާއި އަމިއްލައަށް ފެންމަތީ އޮތުމާއި އެހެން މީހެއްގެ އެހީތެރިކަމާ ނުލައި މޫދުގައި އުޅުމުގެ ޤާބިލުކަން އުނގަންނައިދެވޭނެއެވެ. މީގެ އިތުރުން، މޫދުގައި އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތްތައް ދަނީ އުނގަންނައިދެމުންނެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.