އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން އަމިއްލަފުށީ ރިސޯޓުގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ފަށައިފި
08 އޯގަސްޓް 2017 20:24

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން އަމިއްލަފުށީ ރިސޯޓުގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ފަށައިފިއެވެ.

މިއަދު ފެށި މި ކޯސް، ހަ ދުވަހެއްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، އަމިއްލަފުށީ ރިސޯޓުގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓްރޭނިންގ ސްކޫލުގައި ވެސް މި ކޯހުގެ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި އަމިއްލަފުށީ ރިސޯޓުގައި މަސައްކަތްކުރާ 17 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ކޯހުގެ ތަމްރީނުތައް މިއަދުން ފެށިގެން މިމަހުގެ 10 އާ ހަމައަށް އަމިއްލަފުށީ ރިސޯޓްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓްރޭނިންގ ސްކޫލުގައި ކުރިއަށްގެންދާ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޯހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމް އާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ.

އެފްއާރުއެސްއިން އަމިއްލަފުށީ ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހަކީ އެ ރިސޯޓުގެ ފަޔަރ ސްކޮޑް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޤަބޫލުކުރާ ފެންވަރަށް ތަމްރީނުކުރުމަށްޓަކައި ހިންގާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުދައްރިބުންނެވެ.