އެމްއެންޑީއެފް މާލެ އޭރިއާއިން އއ.މާޅޮހުގައި ހިންގި ކޮމިއުނިޓީ އެންހޭންސްމަންޓް ޕްރޮގްރާމް ނިންމާލައިފި
08 އޯގަސްޓް 2017 22:57

އެމްއެންޑީއެފް މާލެ އޭރިއާއިން އއ. މާޅޮހުގައި ހިންގި ކޮމިއުނިޓީ އެންހޭންސްމަންޓް ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ހަވީރު އއ. މާޅޮހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފްއެވެ.

މި ރަސްމިއްޔާތުގައި ކޮމިއުނިޓީ އެންހޭންސްމަންޓް ޕްރޮގްރާމްގެ ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފް އެވެ. މިރަސްމިއްޔާތުގައި ކާނަލް ޢަބްދުއްރަޢޫފް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަ ދައްކަވާފައެވެ.

އެމްއެންޑީއެފް މާލެ އޭރިއާއިން އއ. މާޅޮހުގައި ހިންގި "ކޮމިއުނިޓީ އެންހޭންސްމަންޓް ޕްރޮގްރާމް" އަކީ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ. ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 07 ވަނަ ދުވަހާއި ހަމައަށް އއ. މާޅޮހުގައި ހިންގި މިޕްރޮގްރާމްގައި ހިމެނެނީ، އެރަށު ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި، ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމްގެ އިތުރުން ޓީޗަރުންނާއި ސްކޫލް ދަރިވަރުންނަށް ހިންގި ފަސްޓްއެއިޑް ޕްރޮގްރާމެކެވެ.

ސްކޫލު ދަރިވަރުންނަށް ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި މާޅޮހު ސްކޫލުގެ ގުރޭޑު 2 އިން ފެށިގެން ގުރޭޑު 9 އާ ދެމެދު ތަޢުލީމު ހާސިލުކުރި ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް އިއްޔެ ނިމިފައިވާއިރު 25 މީޓަރ ފެތުމުގައި 14 ކުދިން ބައިވެރިވެ ފާސްވެފައިވާއިރު، 50 މީޓަރު ފެތުމުގައި 27 ކުދިން ވަނީ ބައިވެރިވެ، ފާސްވެފައެވެ. މީގެ އިތުރުން މާޅޮހު ސްކޫލްގެ ގްރޭޑް 2 ގެ ދަރިވަރުންގެ ކަރިކިއުލަމްގެ ތެރޭގައި ހިމެނޭ ފެތުމުގެ ބައިތައް އެ ސްކޫލްގެ 13 ދަރިވަރަކަށް ވަނީ ދަސްކޮށްދެވިފައެވެ.

ކޮމިއުނިޓީ އެންހޭންސްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި މޫދުކަސްރަތު ޕްރޮގްރާމްގައި އެރަށުގެ 39 މީހުން ބައިވެރިވެ ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މޫދުގައި ކުރެވޭ ކަސްރަތުގެ މުހިންމު ކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ވަނީ ދަސްކޮށްދެވިފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އއ.މާޅޮހާއި، އއ. އުކުޅަހުގައި މެޑިކަލް ކޭމްޕެއް ވެސް ވަނީ ބާއްވާފައެވެ. މިކޭމްޕްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ ސެނަހިޔަ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ މޭޖަރ ޑރ. ފާޠިމަތު ޝުމްރާއެވެ. މި މެޑިކަލް ކޭމްޕްގައި މިދިޔަ ހުކުރު ދުވަހު އުކުޅަހުގެ 21 ކުއްޖަކު ބަލާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު މާޅޮހުގެ 24 ކުއްޖަކު ބަލާފައިވެއެވެ.

އއ. މާޅޮހުގައި ހިންގި ކޮމިއުނިޓީ އެންހޭންސްމަންޓް ޕްރޮގްރާމްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާއަށް ނިސްބަތްވާ ކޮމްޕޯނަންޓްތަކުގެ ތަޖުރިބާކާރު ސިފައިންނެވެ. އއ. މާޅޮހުގައި ހިންގި މި ޕްރޮގްރާމަކީ އއ. މާޅޮހު ކައުންސިލްގެ އެދުމުގެ މަތިން، އެމްއެންޑީއެފް މާލޭ އޭރިއާއިން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފްގެ އިތުރުން އެ ޕްރޮގްރާމްގެ މުދައްރިބުންނާއި އއ.މާޅޮހު ކައުންސިލްގެ ކައުންސިލަރުންނާއި އަދި އެރަށު ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުން ބައިވެރިވިއެވެ.