ކުލަބުމެޑް ކަނިފިނޮޅު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެ
12 އޯގަސްޓް 2017 10:20

ކުލަބުމެޑް ކަނިފިނޮޅު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ ރިޕޯޓް މިއަދު އިރުއޮއްސި 18:20 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެެވެ. މިގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗްގައި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން އެރިސޯޓަށް ދިޔައިރު އެ ރިސޯޓްގެ މުވައްޒަވުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން މިރޭ 18:50 ހާއިރު ވަނީ ނިއްވާލާފައެވެ. މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރިސޯޓްގެ މޫދު ކޮޓަރިއެއްގައެވެ. މިހާދިސާގައި އަލިފާން ރޯވި ރޫމް ބޭނުން ނުކުރެވޭ ވަރަށް އަނދާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.