މާލެ ދަތުރުކުރި ބޯޓެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
30 އޯގަސްޓް 2017 00:29

ބ.ކެންދޫއިން ފުރައިގެން މާލެ ދަތުރުކުރި "ފްލާވާ" ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 22:20 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ކޯސްޓްގާޑުގެ ލޯންޗެއް ވަނީ ޑައިވަރުންގެ ޓީމަކާއެކު އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ފްލާވާ ބޯޓު އަރާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރަށެވެ. މި ހާދިސާ ހިނގި އިރު މި ބޯޓުގައި 15 މީހުން ތިއްބެވެ. އޭގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކު ހިމެނެއެވެ. އަދި ބަނޑޮސް އައިލެންޑް ރިސޯޓުގެ ދޯންޏެއްގެ އެހީތެރިކަމާއެކު އޭގެ ތެރެއިން 8 މީހުން މިހާރު ވަނީ ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި ފަރަށް އެރި ދޯނި ފުން ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއި ޑައިވަރުންގެ ޓީމެއްގެ އިތުރުން ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި ދޯންޏެއް އަންނަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.