ހއ.އިހަވަންދޫގައި ހިންގި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި
29 އޯގަސްޓް 2017 23:44

އެމްއެންޑީއެފުން ހއ.އިހަވަންދޫގައި ހިންގި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހު 19 ން 28 އަށް ހއ.އިހަވަންދޫގައި ހިންގި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރޭ އިހަވަންދޫ ސްކޫލުގައި ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމުގައި އެރަށުގެ އެކި އެކި އުމުރު ފުރާތަކުން 195 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލުގެ ދަރިވަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ޤުރުއާން ކިޔެވުމުގެ ފައިދާތަކާއި ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ޤުރުއާން ކިޔަވަމުންދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ އަކުރުތަކުގެ މަޚްރަޖާއި އޭގެ ސިފަތަކުގެ ބައިތައް ކިޔަވައިދީފައިވެއެވެ. މި ޕްރޮގްރާމުގައި މުދައްރިބެއްގެ ގޮތުން މަސައްކަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 1 އަލްޤާރީ މުޙައްމަދު އަސްލަމް އެވެ.

މި ޕްރޮގްރާމަކީ އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި ހއ. އިހަވަންދޫ ކައުންސިލް ގުޅިގެން ހިންގުނު ޕްރޮގްރާމެކެވެ. އެމްއެންޑީއެފްގެ ފަރާތުން މިހާތަނަށް މިފަދަ 10 ޕްރޮގްރާމެއް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ހިންގާފައެވެ.