ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި
30 އޯގަސްޓް 2017 04:39

އަޟްޙާ ޢީދު ބަންދާއި ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ފަށައިފިއެވެ.

މިޕްރޮގުރާމަކީ އަޟްޙާ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމުން ދަތުރުރުވެރިންނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑަށްއަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕޮރޮގްރާމްގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމާއި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަދުން ފެށިގެން ޢީދު ބަންދުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމު، އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.