އެމްއެންޑީއެފް މާލޭ އޭރިއާއިން ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގައިފި
30 އޯގަސްޓް 2017 19:16

އެމްއެންޑީއެފް މާލޭ އޭރިއާއިން ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ތާޖުއްދީނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ބަސީރާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި، ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، އެމްއެންޑީއެފް މާލޭ އޭރިއާގެ ޑެޕިޔުޓީ ކޮމާންޑަރ މޭޖަރ އިސްމާޢީލް ފަރުވީން އެވެ.

2017 އޮގަސްޓް މަހުގެ 1 އިން 2017 އޮގަސްޓް 29 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި، ތާޖުއްދީން ސްކޫލުގެ 110 ދަރިވަރުން ބައިވެރިވެ، 81 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ.

އާޓިފިޝަލް ބީޗު ސަރަޙައްދާއި ސްވިމިންގ ޓްރެކް އަދި ރަސްފަންނު ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މާލޭ އޭރިއާ ކޮމްޕޯނަންޓްތަކުގެ ސިފައިންނެވެ.

މި ޕްރޮގްރާމުގައި، ދަރިވަރުންނަށް ފްލޯޓް ކުރާނެ ގޮތް ދަސްކޮށްދީ، ކިކް ޖަހާނެ ގޮތާއި، ފެތުމުގެ ހުނަރުތަކުގެ އިތުރުން މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، މި ޕްރޮގްރާމް ފުރިހަމަ ކުރި ކޮންމެ ދަރިވަރަކީވެސް 25 މީޓަރާއި 50 މީޓަރަށް ފެތޭނެ ދަރިވަރަކަށް ހެދުން މި ޕްރޮގްރާމުގެ މަޤްޞަދުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް މާލެ އޭރިއާގެ އޮފިސަރުންނާއި، ތާޖުއްދީން ސްކޫލުގެ އިސްބޭފުޅުންނާއި މި ޕްރޮގްރާމްގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.