ޢީދު ބަންދާ ދިމާކޮށް އުޅަނދުތައް ބަލައި ފާސްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަނުގައި 92 އުޅަނދެއް ބަލާފާސްކޮށްފި
02 ސެޕްޓެމްބަރ 2017 13:19

އަޟްޙާ ޢީދު ބަންދާ ދިމާކޮށް އުޅަނދުތައް ބަލައި ފާސްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަނުގައި މާލޭގެ ބަނދަރުތަކުން ފުރި 92 އުޅަނދެއް ބަލާފާސްކޮށްފިއެވެ.

ޢީދު ބަންދަށް ގިނަ ބަޔަކު މާލެއިން އަތޮޅު ތެރެއަށް ފުރުމާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ފަށާފައިވަނީ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އަދި، "އޮޕަރޭޝަން އަޟްހާ" ގެ ނަމުގައި ކޯސްޓްގާޑުން ފެށި މި އޮޕަރޭޝަން އޯގަސްޓް މަހުގެ 30، 31 އަދި މިމަހުގެ 1 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯ ވަނީ ބަލާފައެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމާއި އަދި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެހެން ބައެއް ފިޔަވަޅުތައް އަޅާފައިވޭތޯ ވެސް ބަލާފައިވެއެވެ.

މި އޮޕަރޭޝަންގައި، ތިން ދުވަހުގެ މަތިން މާލޭގެ ބަނދަރުތަކުން 92 އުޅަނދެއް ބަލައި ފާސްކުރެވުނުއިރު، މީގެ ތެރެއިން ސަލާމަތީ ކަންކަން ފުރިހަމަ ނުވާ 19 އުޅަނދެއް ދަތުރުކުރުން ހުއްޓުވައި، ނަސޭހަތް ދެވިފައިވެއެވެ. އަދި، ބަލައި ފާސްކުރެވުނު އުޅަނދުތަކުގެ ތެރެއިން 63 އުޅަނދެއްގައި، ސަލާމަތީގޮތުން ހުންނަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅިފައިހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން، ޢީދު ބަންދު ނިމިގެން އެނބުރި މާލެއަށް އަންނައިރު ވެސް ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އެމްއެންޑީއެފް ކޯސްޓްގާޑުން އުޅަނދުތައް ބަލައި ފާސްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.