ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކަށް އަމާޒުކޮށްގެން ހިންގި ނިޔަމިކަމުގެ ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސަނަދު ހަވާލުކޮށްފި
07 ސެޕްޓެމްބަރ 2017 18:01

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން، ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކަށް އަމާޒުކޮށްގެން ހިންގި ނިޔަމި ކަމުގެ ކޯސް ފުރިހަމަކުރި ފަރާތްތަކަށް މިއަދު ހެނދުނު ސަނަދު ހަވާލުކޮށްފިއެވެ.

ކޯހުގެ ބައިވެރިންނަށް ސަނަދު ހަވާލުކުރުމަށް މިއަދު ކޯސްޓްގާޑު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި، ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހިމް ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ކޯހަކީ، މިދިޔަ އޯގަސްޓް މަހުގެ 6 އިން 10 އަށް އެމްއެންޑީއެފް ކޯސްޓްގާޑު ބިލްޑިންގ ގައި 30 ބައިވެރިންނާއެކު ހިންގާފައިވާ ކޯހެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގި މި ކޯހުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގައި ޚިދުމަތް ކުރެއްވުމަށްފަހު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ ބައެއް ބޭފުޅުން ކޯހުގެ ބައިވެރިންގެ ގޮތުގައި ހިމެނެއެވެ.

ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ، ސީ، ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް އުނގަންނައިދީފައިވާ މި ކޯހުގައި، 30 ގަޑިއިރުގެ ކުލާސްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކޯހުގައި އުނގަންނައިދީފައިވާ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނެއެވެ. މިކޯހުގައި ކިޔަވާދެއްވާފައި ވަނީ މި ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.

ނިޔަމިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ގޮތުން އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ކުރިއަށްގެންދާ ކޯސްތަކުގެ ތެރެއިން، މިއީ، މިއަހަރުގެ ތެރޭގައި ހިންގި މިފަދަ 38 ވަނަ ނިޔަމި ކަމުގެ ކޯހެވެ. އަންނަ ހަފުތާގައި މި ކޯސް، އއ.މަތިވެރީގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހުގެ ބައިވެރިންނަށް ސަނަދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް އާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރުންނާއި، ކޯހުގެ ބައިވެރިން، ބައިވެރިވެފައިވެއެވެ.