އެމްއެންޑީއެފް ނޮދަން އޭރިއާއިން ހއ.އިހަވަންދޫ ސްކޫލްގައި ހިންގި ކެޑޭޓް ކޭމްޕް ނިންމާލައިފި
07 ސެޕްޓެމްބަރ 2017 18:17

އެމްއެންޑީއެފް ނޮދަން އޭރިއާއިން ހއ.އިހަވަންދޫ ސްކޫލުގައި ހިންގި  02 ވަނަ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ.

ކެޑޭޓް ކޭމްޕް ނިންމުމުގެ ގޮތުން މިއަދު ހއ.އިހަވަންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޭމްޕް ފުރިހަމަ ކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

މިމަހު 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް އިހަވަންދޫ ސްކޫލުގައި ހިންގި މި ކެޑޭޓް ކޭމްޕްގައި އިހަވަންދޫ ސްކޫލުގެ ގްރޭޑް 8 އަދި 9 އަކުން 31 ކެޑޭޓުން ބައިވެރިވެފައިވެއެވެ.

މި ކޭމްޕަކީ އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، މައިންބަފައިންނާއި ދޮށީ މީހުންނަށް އިޙްތިރާމް ކުރާ، ދުނިޔޭގެކަންތައްތަކަށް ލޯ ހުޅުވިފައިވާ، ތެދުވެރި، ވަފާތެރި އަދި މުރާލި ކެޑޭޓަކަށް ހެދުމަށް ބާރު އެޅުމުގެ މަޤްޞަދުގައި ހިންގުނު ކޭމްޕެކެވެ. މި ކެޑޭޓް ކޭމްޕަކީ އިހަވަންދޫ ސްކޫލް މެނޭޖްމަންޓާއި ސްކޫލް ކުދިންގެ ބެލެނިވެރިންނާއި އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ އެެއްބާރުލުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާއިން އިސްނަގައިގެން ހިންގި ކޭމްޕެކެވެ. މި ކޭމްޕްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ މުދައްރިބުންނާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ މުދައްރިބުންނެވެ.

އިހަވަންދޫ ސްކޫލުގައި ހިންގި 2 ވަނަ ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި އިހަވަންދޫ ރަށު ކައުންސިލްގެ އިސް ބޭފުޅުންނާއި އިހަވަންދޫ ސްކޫލުގެ އިސް ބޭފުޅުންގެ އިތުރުން ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންނާއި ކޭމްޕްގެ ބައިވެރިން ބައިވެރިވެފައިވެއެވެ.