އެމްއެންޑީއެފުން ހއ.އުތީމުގައި ހިންގި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި
08 ސެޕްޓެމްބަރ 2017 18:14

އެމްއެންޑީއެފުން ހއ.އުތީމުގައި ހިންގި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.

މިދިޔަ މަހު 29 ން މިމަހު 08 އަށް ހއ.އުތީމުގައި ހިންގި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު އުތީމު ބަންޑާރައިންގެ ހަނދާނީ މަރުކަޒުގައިވަނީ ބާއްވާފައެވެ. މި ޕްރޮގްރާމުގައި އެރަށުގެ އެކި އެކި އުމުރު ފުރާތަކުން 220 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލުގެ ދަރިވަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންވެސް މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ޤުރުއާން ކިޔެވުމުގެ ފައިދާތަކާއި ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ޤުރުއާން ކިޔަވަމުންދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ އަކުރުތަކުގެ މަޚްރަޖާއި އޭގެ ސިފަތަކުގެ ބައިތައް ކިޔަވައިދީފައިވެއެވެ. މި ޕްރޮގްރާމުގައި މުދައްރިބެއްގެ ގޮތުން މަސައްކަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 1 އަލްޤާރީ މުޙައްމަދު އަސްލަމް އެވެ.

މި ޕްރޮގްރާމަކީ އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި ހއ. އުތީމު ކައުންސިލް ގުޅިގެން ހިންގުނު ޕްރޮގްރާމެކެވެ. އެމްއެންޑީއެފްގެ ފަރާތުން މިހާތަނަށް މިފަދަ 10 ޕްރޮގްރާމެއް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ހިންގާފައެވެ.