ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް ޖަޕާން އަށް ފުރާވަޑައިގެންފި
10 ސެޕްޓެމްބަރ 2017 13:11

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޖަޕާން (ޓޯކްޔޯ) އަށް މިއަދު ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް، ޗީފް އޮފް ޑިފެންސް ފޯސް، ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ، މިމަހުގެ 11 އިން 14 އަށް އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޖަޕާން ކޯސްޓްގާޑް ގްލޯބަލް ސަމިޓް" ގައި ބައިވެރިވެލެއްވުމަށް، ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ސަމިޓަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިން އެންވާރަމެންޓް ޕްރޮޓެކްޝަނާއި ގުޅުން ހުރި ކަންތައްތަކާއި މެދު މަޝްވަރާކުރެއްވުމަށް ބޭއްވޭ ސަމިޓެކެވެ. "ޖަޕާން ކޯސްޓްގާޑް ގްލޯބަލް ސަމިޓް" ގައި 36 ޤައުމެއްގެ އިތުރުން ބޭރުގެ ބައެއް ޖަމިއްޔާތަކުން ބައިވެރިވެއެވެ.

މި ސަމިޓުގައި ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ  ދުވަހުއެވެ.