ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ދެ ޑައިވަރުން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި
12 ސެޕްޓެމްބަރ 2017 12:54

މި ދެ މީހުން ފެނިފައިވަނީ އދ. ދަނގެތީގެ 4 މޭލު ބޭރުންނެވެ. މި ދެ މީހުން ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ސަން އައިލެންޑް ރިސޯޓްގެ ލޯނޗެއް، މި ދެ މީހުން ހޯދުމަށް ކުރި މަސައްކަތުންނެވެ. މި ދެ މީހުން ފެނުނު އިރު ދެމީހުންގެ ހާލުވެސް ރަނގަޅެވެ. އަދި މި ދެމީހުން މިހާރުވަނީ ސަން އައިލެންޑް ރިސޯޓަށް ގެންގޮސްފައެވެ.

.........................................................................

ޑައިވިނަށް ފޭބި ދެ މީހެއްގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 11:20 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިންގ ޓީމަކާއެކު، ކޯސްޓްގާޑުގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޚަބަރެއް ނުވެގެން ހޯދަމުންދާ މި ދެ މީހުން، ޑައިވިނަށް ފައިބާފައިވަނީ އދ.ދިގުރަށާއި އެ އަތޮޅު ދަގެއްޗާ ދޭތެރޭ އޮންނަ "ކުޑަރަށް ތިލަ" ކިޔާ ތިލައަކަށް ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އަދި ޑައިވިނަށް ފޭބިއިރު، އެ ދެ މީހުން ވެސް ލައިގެން ތިބީ، ކަޅުކުލައިގެ ޑައިވިންގ ޝޫޓް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައި، މި ދެ މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވުން އެދެމެވެ.