ވިލިމާލެ ފަޅުތެރެއަށް އަޑިއަށްދިޔަ ދޯންޏަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
12 ސެޕްޓެމްބަރ 2017 17:39

ވިލިމާލެ ފަޅުތެރެއަށް އަޑިއަށްދިޔަ ދޯންޏަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގައި އަޑިއަށްދިޔަ "ބުލް ހެޑް" ނަމަކަށްކިޔާ ދޯނި ފެންމަތި ކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ދޯނީގެ ވަށައިގެން ތާންގީ ޖަހައި ދޯނި ފެންމައްޗަށް ނެގުމަށްފަހު ދޯނީގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި މި ދޯނި ތިލަފުއްޓަށް ގެންދެވެންދެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ. މިމަހު 10 ވަނަ ދުވަހު ދޯނި އަޑިއަށްދިޔަ ހާދިސާއަށްފަހު މިއަދު މި ދޯނި ތިލަފުއްޓަށް ގެންދެވެންދެން އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވިލިމާލެ ފަޅު ތެރެއަށް އަޑިއަށްދިޔަ "ބުލް ހެޑް" ނަކަމަށްކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މިމަހު 10 ވަނަ ދުވަހު ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް ދޯންޏަށް މާބޮޑަށް ދިޔަ ވުމުގެ ސަބަބުންނެވެ. މި ހާދިސާގައި ދޯނީގައި ބަހައްޓާފައި ހުރި ޕަމްޕު ތައް ބޭނުންކޮށްގެން ދިޔަގަނޑު ކޮންޓްރޯލް ކުރަން އުޅެ އެކަން ނުވުމުގެ ސަބަބުން ވިލިމާލެ ފަޅުތެރެއަށް ވަނީކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. މިދޯނި އަޑިއަށް ގޮސްފައިވަނީ ވިލިމާލެ ފަޅުތެރެއަށް ވަތް ފަހުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.