ސަފާރީއެއް ފަރަކަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފި
04 އޮކްޓޯބަރ 2017 10:59

"ސޮލެއިލް" ނަމަކަށް ކިޔާ ސަފާރީއެއް ބ. އަތޮޅު ދިގުފަރު ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަމުގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަށް ލިބިފައިވަނީ ފަތިހު 5:11 ހާއިރުއެވެ.

މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ޑައިވަރުންގެ ޓީމަކާއި އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ފަރަށް އެރުމާއި ގުޅިގެން ސަފާރީއަށް ދިޔަވަމުންދާތީވެ ފެން ހިއްކާ ދެ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އަދި ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން މި ސަފާރީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ތަން ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މި ހާދިސާ ދިމާވި އިރު ސަފާރީގައި 8 ފަތުރުވެރިންނާއި ފަޅުވެރިންގެ ގޮތުގައި 5 ދިވެހިންނާއި 6 ބިދޭސީން ތިބި އިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ސަފާރީގައި ތިބި 8 ފަތުރުވެރިން، ސަފާރީގެ ވެރިފަރާތުން ވަނީ ރޯޔަލް އައިލެންޑް ރިސޯޓަށް ގެންގޮސްފައެވެ.