މުދާ އުފުލާ ދޯންޏެއް އަޑިއަށްދިޔަ ކަމުގެ ޚަބަރު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ
06 އޮކްޓޯބަރ 2017 12:12

މާލެއިން ފުރައިގެން އއ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށްދިޔަކަމުގެ ޚަބަރު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ފަތިހު ގާތްގަނޑަކަށް 05:30 ހާއިރުއެވެ. މި ދޯނި އަޑިއަށްދާކަމުގެ ރިޕޯޓް ދިންއިރު، ދޯނި އޮތީ މާލެ އަތޮޅު ބޮލިފުށި ހުޅަނގުން ހަތް ބޭލު ބޭރުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެހެންނަމަވެސް، އެސަރަޙައްދުން އެ ދޯނި ފެނިފައިނުވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިންގ ޓީމަކާއެކު ލޯންޗެއްގައި ދޯންޏާއި އެ ދޯނީގައި ތިބި މީހުން ހޯދުމަށް އެސަރަޙައްދުގައި މަސައްކަތް ކުރެވުނުއިރު، އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރާއި އެސަރަޙައްދުން ދަތުރުކުރި ސީޕްލޭން ތަކުގެ އެހީތެރިކަން ހޯދައިގެން އެ ދޯންޏާއި މީހުން ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

މި ހާދިސާ ހިނގި އިރު ދޯނީގައި ތިން މީހުން ތިއްބެވެ. އަދި މި ދޯންޏާއި ދޯނިން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ތިން މީހުން ފެނިފައިވަނީ ރަންނާޅި ރިސޯޓާ ދިމާލުން ބޭރުގައި ޕަލެޓުތަކެއް މަތީގައި ތިއްބައި ޕޮލިސް ލޯންޗަކަށެވެ. އެ މީހުން ފެނުނުއިރު، އެންމެންގެ ހާލުވެސް ރަނގަޅެވެ. މި ދޯނިން ދަތުރުކޮށްފައިވަނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ފުލުހުންގެ ލޯންޗުގައި އެމީހުން މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"އުންމީދު" ދޯނިން ދަތުރުކުރި މީހުން މަޢުލޫމާތު ދިން ގޮތުގައި، އެ ދޯނި އަޑިއަށް ގޮސްފައިވަނީ ކ.އަތޮޅާއި އއ.އަތޮޅުން އަލިހުރަސް ކަނޑަށެވެ. 60 ފޫޓްގެ މުދާ އުފުލާ މި ދޯނިން ބޭރުވި ބައެއް މުދާ އެސަރަޙައްދުން އޮޔާދާތީވެ އެސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.