އެމްއެންޑީއެފް މާލެ އޭރިއާއިން މަޖީދިއްޔާ ސްކޫލާއި ހުޅުމާލޭ ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ހިންގި ސްޓޫޑަންޓް ލީޑަރޝިޕް ޕްރޮގްރާމް ނިންމާލައިފި
07 އޮކްޓޯބަރ 2017 12:24

އެމްއެންޑީއެފް މާލެ އޭރިއާއިން މަޖީދިއްޔާ ސްކޫލާއި ހުޅުމާލޭ ޣާޒީ ސްކޫލުގެ ދަރިވަރުންނަށް  ހިންގި ސްޓޫޑަންޓް ލީޑަރޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގުރާމް ނިންމުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލޭ ޣާޒީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގުރާމުގެ ވަނަ ވަނައަށް ހޮވުނު ދަރިވަރުންނާއި ޕްލެޓޫންތަކަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނަންޓް ކާނަލް ހުސައިން ޢަލީއެވެ.

މި މަހު 5 ވަނަ ދުވަހުންފެށިގެން ޣާޒީ ސްކޫލުގައި ހިންގި ލީޑަރޝިޕް ޕްރޮގްރާމުގައި މަޖީދިއްޔާ ސްކޫލްއިން 68 ދަރިވަރަކު އަދި ޣާޒީ ސްކޫލުގެ 38 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގައި ލީޑަރޝިޕް އެތިކްސް، ލީޑަރޝިޕް، ފަސްޓްއެއިޑް، ސުވިމިންގ، ލީޑަރޝިޕް ރިއެކްޝަން ކޯސް، ސުވިމިންގ ރެސްކިއުގެ ބައިތަކުގެ އިތުރުން ފިޒިކަލް ޓްރޭނިންގއާ ގުޅޭ ކުލާސްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާގެ މުދައްރިބުންނެވެ.

މި ޕްރޮގްރާމަކީ ދަރިވަރުން ގައިގައި ލީޑަރޝިޕްގެ ހުނަރު އަށަގަންނުވާ އެކުދިންގެ އަމިއްލަ ނަފުސަށް އިތުބާރު ކުރަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ.

މަޖީދިއްޔާ ސްކޫލާއި ހުޅުމާލޭ ޣާޒީ ސްކޫލުގެ ދަރިވަރުންނަށް  ހިންގި ލީޑަރޝިޕް ޕްރޮގްރާމް ނިންމުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި އެސްކޫލުތަކުގެ އިސް ބޭފުޅުންނާއި ޓީޗަރުންގެ އިތުރުން ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނާއި މުދައްރިބުން ބައިވެރިވެފައިވެއެވެ.