ލ.މާބައިދޫ ތެޔޮގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ގެ ސިފައިން ނިއްވާލައިފި
08 އޮކްޓޯބަރ 2017 14:20

ލ.މާބައިދޫ ތެޔޮގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:45 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓިންގ ޓީމެއް ވަނީ އަލިފާން ނިވާ ސާމާނާއި އެކު އެމްއެންޑީއެފް ހާބަރ ކްރާފްޓުގައި ލ. މާބައިދޫއަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކުރުމަށް ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު ފެން ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައިވެއެވެ. އެމްއެނޑީއެފްގެ ފަޔަރ ފައިޓިންގ ޓީމް ފޯމް ބޭނުންކޮށް އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު މެންދުރު 12:40 ހާއިރުއެވެ.

މިއަދު ހިނގި މި ހާދިސާގައި ތެޔޮ ގުދަން ތެރޭގައި ހުރި ޓޭންކަކުން އެހެން ޓޭންކަކަށް ތެޔޮބަދަލު ކުރުމަށް އިލެކްޓްރިކް ޕަމްޕެއް ބޭނުންކުރި މީހެއްގެ އަތް ވަނީ ފިހި ފަރުވާ ހޯދާފައެވެ. މި ހާދިސާގައި ތެޔޮގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި ތެޔޮ ގުދަނާ އިންވެގެން ހުރި ފިހާރަވެސް ވަނީ އަނދާފައެވެ.

މި ހާދިސާ ހިނގަން ދީމާވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަހުގީގްކުރަމުންނެވެ.