ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި
09 އޮކްޓޯބަރ 2017 04:22

ޖަނަވަރީ މަގުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މިރޭ ގާތްގަނޑަކަށް 03:03 ހާއިރު ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސްއަށް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުންވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ކާރުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ގާތްގަނޑަކަށް 03:13 ހާއިރުއެވެ.

މިރޭ ހިނގި މި ހާދިސާގައި ރޯވި ކާރުގެ ފަހަތު ސީޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި މި ކާރުގެ ފަހަތު ސީޓުގެ ދޮރުފަތުގައި ހިމެނޭ ބިއްލޫރިގަނޑާއި ކާރުގެ ފަހަތުގައި ވާ ބިއްލޫރިގަނޑުވަނީ ތެޅިފައެވެ.

މި ކާރަކީ ސަރުކާރުގެ ވުޒާރާއެއްގައި ބޭނުންކުރާ ކާރެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.