ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ސައިލަންޓް ޑްރިލް ޑިސްޕްލޭއެއް ހުށަހަޅައިފި
03 ނޮވެމްބަރ 2017 23:40

ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ސައިލަންޑް ޑްރިލް ޑިސްޕްލޭއެއް ހުށަހަޅައިފިއެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ސައިލެންޓް ޑްރިލް ޑިސްޕްލޭ ބާއްވާފައިވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެމްއެންޑީއެފް ޑްރިލް ޓީމުން ހުށަހަޅައިދިން މި ޑްރިލް ޑިސްޕްލޭ ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރު އެސަރަޙައްދަށް ވަޑައިގެންނެވިއެވެ. އަދި މި ސައިލަންޓް ޑްރިލް ޑިސްޕްލޭ ބަލާލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވެސް އެސަރަޙައްދަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއަދު ބޭއްވި ޑްރިލް ޑިސްޕްލޭއަށް ފަހު، ޑްރިލް ސްކޮޑުގެ ބައިވެރިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މާދަމާ އާއި އަންނަ އާދިއްތަ ދުވަހު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޑްރިލް ޑިސްޕްލޭގެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 17:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަދި އަންނަ އާދިއްތަ ދުވަހު އޮންނަ ޑްރިލް ޑިސްޕްލޭގެ ހަރަކާތް އޮންނާނީ އެ ދުވަހުގެ ހަވީރު 17:00 ގައި ވިލިމާލޭ ބަނދަރު ސަރަޙައްދުގައެވެ.