ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން "ވިކްޓްރީ ރަން" ބާއްވައިފި
03 ނޮވެމްބަރ 2017 23:12

29 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ވިކްޓްރީ ރަން" މިއަދު މާލޭގައި ބާއްވައިފި އެވެ.

މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ދުވުން ފައްޓަވައިދެއްވީ ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވައިސް ޗީފް އޮފް ޑިފެންސ ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އެވެ.

މި "ވިކްޓްރީ ރަން" ކުރިއަށްގެންގޮސްފައި ވަނީ ކަޅުތުއްކަލާކޮށިން އުތުރަށް ގޮސް، އަމީނީ މަގުން ހުޅަނގަށް އަޅައި، ބޮޑުތަކުރުފާނުމަގުން އުތުރަށް ގޮސް، މަޖީދީމަގުން އިރަށް، އަދި ކަނބާއައިޝާރަނި ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް މާލެ ވަށައި ދުވުމަށްފަހު، މާފަތްތަކުރުފާނު ހިނގުމުން އުތުރަށް ގޮސް، އަމީނީމަގުން ހުޅަނގަށް އައިސް މި ދުވުން ނިންމާފައި ވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

"ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާ ތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާ އެވެ.

މި ދުވުން ކުރިއަށްދިޔައިރު ޤައުމީ ޝިޢާރު އަދި ސިފައިންގެ އަޒުމް އަޑު ހަރުކޮށް ކިޔާފައި ވެއެވެ. މި ވިކްޓްރީ ރަންގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވިއެވެ.