ސްކޫލްތަކުގެ ގްރޭޑް 1 ގެ ދަރިވަރުންގެ ހެލްތު ސްކްރީން ޕްރޮގްރާމް 2017 ގެ ނަތީޖާ އާންމުކޮށްފި
14 ނޮވެމްބަރ 2017 01:51

އެމްއެންޑީއެފް މެޑިކަލް ސަރވިސްއާއި މިނިސްޓްރީ އޮފް ޑިއުކޭޝަން ގުޅިންގެ ސްކޫލްތަކުގެ ގްރޭޑް 1 ގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމަށް 2017 ވަނަ އަހަރު ހިންގި ޕްރޮގްރާމްގެ ނަތީޖާ އާންމުކޮށްފިއެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު ސްކްރީން ނަތީޖާ އާންމުކޮށްދެއްވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު އާއި މިނިސްޓަރ އޮފް އެޑިއުކޭޝަން އަލްފާޟިލާ އާއިޝަތު ޝިހާމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޙުސައިން ރަޝީދު އެވެ.

މިރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ސަރވިސްއިން ތައްޔާރުކުރި ހެލްތު ސްކްރީ ޕްރޮގްރާމް 2017 އާއި ބެހޭ ޕްރެޒެންޓޭޝަނެއް އެމްއެންޑީއެފް މެޑިކަލް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ވަނީ ހުށަހަޅާ ދީފައެވެ.

މިއަހަރު އެމްއެންޑީއެފް މެޑިކަލް ސަރވިސްއިން ކުރިއަށް ގެންދިއަ މި ހެލްތު ސްކްރީން ޕްރޮގްރާމްގައި ޢުމުރުން 5 އަހަރާއި 9 އަހަރާއި ދެމެދުގެ ޖުމްލަ 4831 ދަރިވަރުން ވަނީ ހެލްތު ސްކްރީން ކުރެވިފައެވެ. މި ހެލްތު ސްކްރީން ޕްރޮގްރާމްގައި ބަލާފައި ވަނީ ދަރިވަރުގެ ބަރުދަނާއި އަޑުއިވުމާއި ލޮލުގެ ފެނުމާއި އަނގައިގެ މައްސަލަތަކެވެ.

މިއަދު އާންމުކުރި ހެލްތު ސްކްރީން 2017 ގެ ނަތީޖާއަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ދަރިވަރުންނަށް ލޮލާއި ދަތުގެ މައްސަލަތައް ކުރިމަތިވެފައިވާ ނިސްބަތް އެހެން މައްސަލަތަކަށް ވުރެ އިތުރުވެގެން ގޮސްފައިވުމެވެ. އަދި ދަރިވަރުންގެ ބަރުދަން ބެލިއިރު ބައެއް ކުދިން މާބޮޑަށް ލުއިވެފައި ބައެއް ކުދިން މާބޮޑަށް ބަރުވެފައި ހުރިކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.  

ސްކޫލްތަކުގެ ގުރޭޑު އެކެއްގެ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް ހިންގާ މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިފެންސް މިނިސްޓްރީ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ޙިއްޞާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް މެޑިކަލް ސަރވިސްއިން ވަނީ ފޯރުކޮށްދީފައެވެ. މި ޕްރޮގްރާމްގައި ދަރިވަރުން ހެލްތު ސްރީން ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް މެޑިކަލް ސަރވިސްގެ ޑޮކްޓަރުންނާއި ޞިއްހީ ދާއިރާއިން ތަމްރީން ވެފައިވާ ސިފައިންނެވެ.