ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްއިން ނެރޭ ޤައުމީ ވީޑިއޯ ލަވަ އަލްބަމް މާދަމާ އާންމުކުރުމަށް ހަމަޖެހިއްޖެ
18 ނޮވެމްބަރ 2017 02:10

1439 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ނެރޭ 17 ވަނަ ޤައުމީ ލަވަ އަލްބަމް "ބަހުރުވަ" މާދަމާ އާންމުކުރުމަށް ހަމަޖެހިއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ފަރުމާއަކަށް ތައްޔާރުކުރި އަށް ލަވައިގެ މައްޗަށް އެކުލެވޭ މި ވީޑިއޯ ލަވަ އަލްބަމްގައި ރާއްޖޭގައި ވާހަކަދައްކާއުޅޭ ބަހުރުވައެކުލެވޭ ލަވަތައް ހިމެނިފައިވާނެއެވެ.

މި އަލްބަމަށް ޅެން ހައްދަވާފައިވާ ބޭފުޅުންގެ ތެރޭގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރުގެ އިތުރުން ރާއްޖޭގެ ފުންނާބު އުސް ޅެންވެރިންގެ ޅެންތައް ހިމެނިފައިވާނެއެވެ. އަދި އަލްބަމްގެ ބައެއް ލަވަތަށް ވިދާޅުވެދެއްވާފައިވަނީ އަތޮޅުތަކުގެ މަޝްހޫރު ލަވަކިޔުންތެރިންނެވެ.

ޕެން ޑްރައިވްއެއްގައި ނެރުމަށް ހަމަޖެހިފައިވާ މި ވީޑިއޯ ލަވަ އަލްބަމްގައި ހިމެނޭ ހުރިހާ ރާގުތަކަކީ އަމިއްލަ ރާގުތަކެކެވެ. މި ރާގުތައް އުފައްދާފައިވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުންނެވެ. އަދި މި އަލްބަމްގެ ލަވަތަކަށް ވީޑިއޯ ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.

މާދަމާއިން ފެށިގެން މިއަލްބަމުގެ ލަވަތަށް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުންނާއި އެމްއެންޑީއެފް ފޭސްބްކް ޕޭޖް އަދި އެމްއެންޑީއެފް ސައުންޑްކްލައުޑް ޕޭޖުން ޑައުންލޯޑްކުރެވޭނެއެވެ.

އެމްއެންޑީއެފް އިން ޤައުމީ ދުވަހުގެ މުނާސަބަތުގައި ނެރެމުންއަންނަ ޤައުމީ ލަވަ އަލްބަމް ނެރެމުން އަންތާ މިއީ 16 ވަނަ އަހަރެވެ.