ކޮލަމާފުށީ ބޭރުން ފެނުނު ރާއްޖެއިން ބޭރުގެ މަސްބޯޓުތައް ބަލާ ފާސްކުރުމަށްފަހު ދޫކޮށްލައިފި
18 ނޮވެމްބަރ 2017 07:21

ގއ.ކޮލަމާފުށީގެ ހުޅަނގު އުތުރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް ރާއްޖޭގެ މަސްވެރިންނަށް ފެނުނު ރާއްޖެއިން ބޭރުގެ ފަސް މަސް ބޯޓު ބަލާ ފާސްކުރުމަށްފަހު މިއަދު 17:10 ހާއިރު ދޫކޮށްލައިފިއެވެ.

މި މަސްބޯޓުތައް ފެނިގެން އެކަމުގެ މަޢުލޫމާތު މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 14:40 ހާއިރުއެވެ. މި މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ފާމުލަދޭރި" ވަނީ އެ ސަރަހަައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ މި ބޯޓުތަށް ހިފަހައްޓައި ބެލިބެލުމުން މިއީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ސްރީލަންކާއިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން އެނގިފައިވެއެވެ. މި ބޯޓުތަކުގައި މަސްވެރިކަން ކުރާ އާލާތްތައް ހުރި ނަމަވެސް، އެ އާލާތްތައް ބޭނުންކޮށްފައިނުވާކަން އެމްއެންޑީއެފް ކޯސްޓްގާޑަށް ފާހަގަކުރެވިފައިވެއެވެ.