އެކްސަސައިޒް "ރަންނަމާރި ހަންޓް" ކާމިޔާބުކަމާއެކު ނިންމާލައިފި
24 ނޮވެމްބަރ 2017 19:16

އެކްސަސައިޒް "ރަންނަމާރި ހަންޓް" ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

ސިފައިންގެ މަރުކަޒުތަކުގައި މިމަހު 20 ން 24 އަށް ކުރިއަށް ގެންދިޔަ "އެކްސަސައިޒް ރަންނަމާރި ހަންޓް" އަކީ ކޮންމެ އަހަރަކު ހިންގަމުން އަންނަ އެކްސަސައިޒެކެވެ.

މި އެކްސަސައިޒް ސިފައިންގެ ހުރިހާ އޭރިއާތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އެމްއެންޑީއެފް މާލޭ އޭރިއާއިން މާލޭ ސިޓީ (މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި ކ. ތިލަފުށި) ހިމެނޭ ސަރަހައްދުގަ އާއި މާލޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެމްއެންޑީއެފް ނޮދަން އޭރިއާއިން، އެ އޭރިއާގެ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގެ އިތުރުން ޅ.ފެލިވަރުގައި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން، ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި މި އެކްސަސައިޒް ވަނީ ބާއްވާފައެވެ. މިގޮތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ލ.ކައްދޫ އާއި، ލ. ގަން އަދި ލ.ފޮނަދޫގެ އިތުރުން، ތ.ތިމަރަފުއްޓާއި އެ ރަށްތައް ހިމެނޭ ކަނޑުގެ ސަރަޙައްދުގައި މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެމްއެންޑީއެފް ސަދަން އޭރިއާއިން މި ތަމްރީނުތައް ބާއްވާފައިވަނީ އައްޑޫ ސިޓީގެ ގަމާއި ގުޅިފައިވާ ރަށްތައް ހިމެނޭ ކަނޑުގެ ސަރަޙައްދުގައެވެ.

އެކްސަސައިޒް ރަންނަމާރި ހަންޓްއަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކްތަކަށް ތަމްރީންކޮށް ޤާބިލްކަން އިތުރުކުރުމަށާއި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ސިފައިންގެ ލެވެލްގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ

.