ދަތުރުކުރަމުން ދިޔަ ޑިންގީ އަކަށް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފި
25 ޑިސެމްބަރ 2017 23:50

ޅ. ނައިފަރުން ޅ. ކުރެންދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީ އަކަށް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ އިން މިރޭ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އަށް މީހުންނާއި އެކު ދަތުރުކުރަމުންދިޔަ، ޅ. ނައިފަރު ޖުވެނައިލް ޖަމިއްޔާގެ 17 ފޫޓުގެ ދިންގީ ދަތުރުކުރަމުންދަނިކޮށް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާ ފުއްޓަށް ވަނީ ވައްދާފައެވެ. މި ޑިންގީ ޅ. މާފިލާފުއްޓަށް ވައްދާފައިވަނީ މިރޭ 20:40 ހާއިރުއެވެ.

މިކަމުގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ އަށް ލިބިފައިވަނީ މިރޭ 20:20 ހާއިރުއެވެ.

ޅ. މާފިލާފުއްޓަށް މި ޑިންގީ ވެއްދުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންގެ އެހީތެރިކަން މި ޑިންގީގައި ތިބި އަށް މީހުންނަށް ފޯރުކޮށްދީފައިވެއެވެ.

މިރޭ 22:30 ހާއިރު ޑިންގީގެ ވެރިފަރާތުން ދޯންޏެއްގައި ކަފުޖަހައިގެން ޅ. ނައިފަރަށް މި ޑިންގީ ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ޑިންގީގައި ތިބި އަށް މީހުންގެ ތެރެއިން 2 މީހުން ޑިންގީގައި މަޑުކުރުމަށް ފަހު ބާކީ ތިބި ހަ މީހުން ވަނީ ލޯންޗެއްގައި ޅ. ކުރެންދޫ އަށް ގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.