ތިރީސް މީހުންނާއެކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަންފޯރުކޮށްދީފި
27 ޑިސެމްބަރ 2017 14:45

ތިރީސް މީހުންނާއެކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިހާދިސާގެ މަޢުލޫމާތު މިރޭ 00:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޯޑްރަންއަށް ލިބުމާއެކު އެ އޭރިއާގެ ލޭންޑިންގ ކްރާފްޓް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މިހާދިސާގައި ހއ. ދޮނަކުޅިކައިރިއަށް އިންޖީނު ހުއްޓިފައި ވަނީ ހއ. އިހަވަންދޫއިން އުތީމަށް ދަތުރުކުރި ހއ. ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ "މޫނާ" ނަމަކަށް ކިޔާ ދޯންޏެކެވެ. މިދޯނިން 15 އަންހެނުންނާއި 5 ކުޑަކުދިންނާއި 10 ފިރިހެނުންނާއެކު ޖުމްލަ 30 މީހުން ދަތުރު ކުރިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެލްސީވީގައި މިދޯނިން ދަތުރުކުރި މީހުން ވަނީ މިރޭ 00:55 ހާއިރު ހއ. އުތީމަށް ގެންދެވިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިދޯނި ރިސޯޓަށް ގެންދިއުމުގެ މަސައްކަތް އެ ރިސޯޓްގެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ.